Monday, December 2, 2024

ލީވާންގެ ނޫސްވެރިކަމުގެ ރަން ޒަމާން އަދި އޮތީ ކުރިއަށް!



ރާއްޖޭގެ 'ތަޖުރިބާކާރު ނޫސްވެރިން'ގެ ރަން ޒަމާން ނިމި، ނޫސްވެރިންގެ އައު ޖީލެއް މިއަދު މިވަނީ މަސައްކަތަށް ނިކުމެފައެވެ.

ނޫސްވެރިކަމުގެ ޒަމާނީ ވައްޓަފާޅި ކިޔަވައިގެން، އެތަޖުރިބާކުރަމުން، ނޫސްވެރިކަމުގެ ހަމަތަކާއި މިންތަކުގެ ތެރެއިން އާ ނޫސްވެރިން ވަޒީފާގެ ބާޒާރަށް ނިކުންނަކަމީ، ދޮގުޚަބަރު ފެތުރުން އާއްމުވެފައިވާ މި ޒަމާނުގައި ދިއްލާލެވޭ އުއްމީދުގެ ހުޅުކޮޅެކެވެ. މި ޒުވާން ނޫސްވެރިންގެ ތެރެއިން އެކަކީ މިހާރު 'އަދަދު' ނޫހުގައި މަސައްކަތްކުރާ އައްޑު އަތޮޅަށް އުފަން ލީވާން އަލީ ނަސީރެވެ.

ސްކޫލް ނިންމާލުމަށްފަހު މާލެ އައިސް، ރާއްޖެ ޓީވީގައި ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ފެށި ލީވާން އަކީ މިހާރު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އިންވެސްޓިގޭޓިވް ޖަރނަލިސްޓެވެ.

"އަސްލު އެންމެ ފުރަތަމަ ކުޅިވަރު ނޫސްވެރިއަކަށްވީ ކުޅިވަރުގެ ދާއިރާއަށް ހުންނަ ޝައުގެއްގެ ސަބަބުން. އެކަމަކު މިދާއިރާގައި މަސައްކަތްކުރަން ފެށުމުން ނޫސްވެރިކަމުގެ އެހެން ބީޓްތަކަށްވެސް ޝައުގުވެރިކަން އުފެދުނީ،" ލީވާން ބުންޏެވެ.

ނޫސްވެރިކަމުގެ ތެރެއަށް ނިކުންނަ އިރު ހުރިހާ ބީޓެއްވެސް ތަޖުރިބާކުރުމަކީ ނޫސްވެރިކަމުގައި މީހާ ކުރިއަރައި ދިޔުމަށް އެހީއަކަށްވެއެވެ. ލީވާންވެސް ގަބޫލުކުރަނީ އަދި ތަޖުރިބާކުރީވެސް އެގޮތެވެ. ކުޅިވަރުގެ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޒުވާން ނޫސްވެރިޔާއަށްވުމަށްފަހު، ސިޔާސީ އަދި ތަހުގީގީ ނޫސްވެރިކަމަށް އޮތް ޝައުގުވެރިކަން އިތުރުވީއެވެ. އަދި މިހާރު ސިޔާސީ ފަރާތްތައް އެނޫސްވެރިއެއްގެ ސުވާލުތަކަށް އެންމެ ޖެހިލުންވާ އެއް ނޫސްވެރިޔާއަށް ލީވާން ވީއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގާތްގަނޑަކަށް 6 އަހަރު ހޭދަކުރުމަށްފަހު 2023 ވަނަ އަހަރު ލީވާން ބައެއް ރައްޓެހިންނާއެކު އޭނާގެ އަމިއްލަ ނޫހެއްވެސް ހިންގިއެވެ. ނިއުސްރޫމެއްގެ އެންމެ ޖޫނިއަރ ޖަރނަލިސްޓްގެ ރޯލުން ފެށިގެން ނޫހެއްގެ ވެރިއަކާ ހަމަޔަށް ދަތުރުކުރުމަށްފަހު، އަނެއްކާވެސް ނިއުސްރޫމެއްގައި މަސައްކަތްކުރަން ދިޔައީ ކީއްވެތޯ ސުވާލު އުފެދިދާނެއެވެ. ލީވާންގެ ޖަވާބަކީ ދާއިރާއަށް އަލަށް ނިކުންނަ ނޫސްވެރިންނަށް ވަރަށް އިބުރަތްތެރި ފިލާވަޅެކެވެ.

"ރަނގަޅު ޓީމަކާއެކު ޗެލެންޖިންގ މަސައްކަތްތަކެއް ކުރަން ފުރުސަތު ލިބިއްޖެނަމަ އަމިއްލަ ނޫސް ދޫކޮށް މިހެން މަސައްކަތްކުރަން އައުމަކީ ހަގީގަތުގައި ކުރިއަށް އެޅޭ ފިޔަވަޅެއް. އިތުރު ކަންކަން ދަސްވާނެ، ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން އެނގޭނެ. އަދި ތަޖުރިބާކާރު އެހެން ނޫސްވެރިންގެ ކައިރިން ވަރަށް ގިނަ ކަންކަން ދަސްވާނެ."ލީވާން ބުންޏެވެ.

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ނިކުންނަ ކޮންމެ މީހަކަށްވެސް ކޮންޓެންޓް އުފެއްދުމުގެ އިތުރުން އެހެން ތަޖުރިބާތައްވެސް ބޭނުންވާކަން ލީވާން ފާހަގަކުރިއެވެ.

ރާއްޖޭގެ ޒުވާން ނޫސްވެރިންނާއިމެދު ކިޔުންތެރިންނާއި ބެލުންތެރިން އަދި އެހުންތެރިން ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ ކޮންޓެންޓްގެ ފެންވަރު ދަށްވުމެވެ. ނޫސްވެރިކަމުގެ ދާއިރާގެ އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ނެތް ބައެއް ފަރާތްތަކުން، ނޫސްތަކުގެ ނަމުގައި ހިންގާ ބްލޮގްތަކާއި ހަބަރު ސައިޓްތަކުގައި ލިޔާ ލިޔުންތަކާ ހެދި މުޅި ދާއިރާގެ އަގު ވެއްޓޭ ފަހަރު އާދެއެވެ. ލީވާން ދެކޭ ގޮތުގައި އެކަމަށް އޮތް ހައްލަކީ ތަމްރީނެވެ.

ނޫސްވެރިކަމުގެ ޑިގްރީއެއް ނެތަސް، ނޫސްވެރިކަމަށް ނިކުންނަ ކޮންމެ މީހަކަށްވެސް އެނޫހެއްގެ ފަރާތުން މެންޓަރޝިޕް ދިނުމެވެ. ގަބޫލުކުރެވޭ ފެންވަރަކަށް ލިޔުންތެރިކަމާއި ކޮންޓެންޓް އުފެއްދުމުގެ ގާބިލްކަން ލިބެންދެން އެނޫސްވެރިއެއްގެ އަތުގައި ހިފައިގެން ސީނިއަރ ނޫސްވެރިން ކުރިއަށް ދިޔުމެވެ. އަދި ނޫސްތަކުންވެސް އެކަމަށް ވަގުތާއި ފައިސާ އިންވެސްޓްކުރުމެވެ.

"ކޮންމެ ނޫހަކީ ނޫސްވެރިޔާގެ ކޯސް ފީ ދައްކާފައި ކޯހަކަށް ފޮނުވޭ ވަރުގެ ތަނަކަށް ނުވެދާނެ. މިއީ ޓެކްނޮލޮޖީގެ ޒަމާން. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިލޭ ނުވަތަ އަގު ހެޔޮކޮށް ނޫސްވެރިކަމުގެ އެތިކްސްއާއި ބޭސިކްސް އުނގެނޭނެ ވަސީލަތްތައް އެބަހުރި. އޭގެ ބޭނުން ހިފަންވީ. އަދި އެމް.އެން.ޔޫ ފަދަ ތަންތަނުން ހިންގާ ނޫސްވެރިކަމުގެ ކޯސްތަކުގައި ނޫސްވެރިން ބައިވެރިވާން ނޫސްތަކުންވެސް ހިތްވަރުދީ، އެކަމަށް ވަގުތު ހުސްކޮށްދޭންވީ." ލީވާން ބުންޏެވެ.

ނޫސްވެރިކަމާމެދު އާއްމުންގެ މެދުގައި އިތުބާރު އުފެއްދޭނީ އިތުބާރު ހުރި ނޫސްވެރިން ތިބެގެންކަމަށް ލީވާން ދެކެއެވެ.

ލީވާންގެ ނޫސްވެރިކަމުގެ ރަން ޒަމާން އަދި އޮތީ ކުރިއަށެވެ. އޭނާ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ ނޫސްވެރިކަމަކީ މިނިވަން، އިތުބާރު ލިބިފައިވާ ނޫސްވެރިކަމަކަށް ވާން ދުވަހެކެވެ. އެކަމަށް އަދި ލައްކަ ދުވަސްވެސް ނަގާފާނެއެވެ.

No comments:

Post a Comment